Thursday, November 12
އިންޑިއާގެ މެޓްރޯ ބްރިޖެއްގެ ފާރުގެ ބައެއް ވެއްޓި އެކަކު މަރުވެ ތިން މީހަކަށް އަނިޔާވެއްޖެ

މުމްބާއީގެ މުލުންދު ސަރަޙައްދުގައި ހަދަމުންދިޔަ މެޓްރޯ ބްރިޖެއްގެ ފާރުގެ ބައެއް ވެއްޓި، އެކަކު މަރުވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ އެލް.ބީ.އެސް މަގުގައި އަޅަމުންދިޔަ މެޓްރޯ ބްރިޖެއްގެ މަތީ ފާރުން ބައެއް ވެއްޓި، އެ މަގުން ދަތުރުކުރި އޮޓޯ ރިކްޝާއަކާއި ކާރެއްގައި ޖެހިގެންނެވެ.

މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ބޭނުންވާ ހުރިހާ ސިއްހީ އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުންނެވެ.

ކަމާބެހޭ އޮފިޝަލުން ވިދާޅުވި ގޮތުގައި، މެޓްރޯ މަޝްރޫޢުގެ ޓީމުތައް މިހާރު ދަނީ ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީ.އެމް.ސީ) އާއި ކާރިސާތަކާ ބެހޭ އިދާރާތަކާ ގުޅިގެން، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި އެ ސަރަޙައްދު ރައްކާތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބީ.އެމް.ސީގެ ޑިޒާސްޓަރ ކޮންޓްރޯލް ވިންގުން ބުނި ގޮތުގައި، ވެއްޓިފައިވަނީ ގާތްގަނޑަކަށް 6 ފޫޓު 4 ފޫޓުގެ ސައިޒުގެ ފާރުބުރިއެކެވެ.

މި ހާދިސާގައި މަރުވެފައިވަނީ ރާމްދަން ޔާދަވް ނަމަކަށް ކިޔާ މީހެކެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން އުމުރުން 45 އަހަރުގެ ރާޖްކުމާރު އިންދްރަޖީތު ޔާދަވް އަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި އަނެއް ދެ މީހުން ކަމަށްވާ މަހިންދްރަ ޕްރަތާޕް ޔާދަވް (52 އަހަރު) އާއި ދީޕާ ރުހިޔާ (40 އަހަރު) ގެ ހާލު މިހާރު ސްޓޭބަލް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމް.އެމް.އާރް.ޑީ.އޭ އިން ބުނީ، މި ފާރުބުރި ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މަސައްކަތުގެ ސައިޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށްޓަކައި މިހާރު ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު