Thursday, November 12
ރައީސުލްޖުމްހޫރިއްޔާ ފަލަސްތީނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުސްތަފާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގެ ހަވާސާގައެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެމުންގެންދާ ތާއީދު ތަކުރާރުކުރައްވާފައެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށަކަށް ހުންނަ މިނިވަން، މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާއި ކަރާމާތާއި އިންސާފު ހޯދުމަށް ކުރަމުންދާ ޖިހާދަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ. އަދި ފަލަސްތީނަށް އިންސާފާއި މިނިވަންކަމާއި ދެމެހެއްޓެނިވި ޞުލްޙަ ލިބެންދެން ދިވެހިރާއްޖެ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު