Monday, November 16
ބަޖެޓް އެއާލައިން ޖެޓްސްޓަރ އޭޝިއާގެ އޮޕަރޭޝަންތައް ހުއްޓާލަނީ

މަޝްހޫރު ބަޖެޓް އެއާލައިނެއް ކަމަށްވާ ޖެޓްސްޓަރ އޭޝިއާގެ އޮޕަރޭޝަންތައް ޖުލައި މަހުގެ ނިޔަލަށް ހުއްޓާލުމަށް ނިންމައިފިއެވެ.

މިކަމުގެ ސަބަބުން އަސަރުކުރާނެ ފަސިންޖަރުންނަށް ފުލް ރީފަންޑް ލިބޭނެ ކަމުގައި އެ އެއާލައިނުން ވަނީ ބުނެފައެވެ. ޖެޓްސްޓަރ އެއާލައިނަށް ވަނީ އެއާޕޯޓު ފީ ބޮޑުވުމާއި ސަރަހައްދުގެ ވާދަވެރިކަން އިތުރުވުމާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި ނިންމުމާއެކު އެ އެއާލައިންގައި ވަޒީފާ އަދާކުރަމުންދާ 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެއެވެ. ގަންޓަސް އިން ދަނީ މި މުވައްޒަފުންނަށް ވަޒީފާގެ އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، މި ނިންމުމުގެ ސަބަބުން އޮސްޓްރޭލިއާގައި ޤާއިމްކޮށްފައިވާ ޖެޓްސްޓަރ އެއާވޭސް އާއި ޖެޓްސްޓަރ ޖަޕާނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެއާލައިންގެ ހިއްސާދާރެއް ކަމަށްވާ ގަންޓަސް އިން ބުނެއެވެ.

ކުރިއަށް އޮތް ހަތް ހަފުތާގެ ތެރޭގައި ޖެޓްސްޓަރ އޭޝިއާގެ ފްލައިޓްތައް މަޑުމަޑުން މަދުކުރަމުންދާނެއެވެ. އަދި ފްލައިޓަށް އެއްވެސް ބަދަލެއް އަންނަނަމަ، ދަތުރުކުރާ ފަސިންޖަރުންނަށް އެއާލައިނުން އެކަން އަންގާނެއެވެ. އެއާލައިންގެ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމަށް ހަމަޖެހިފައިވާ ތާރީޚު ކަމަށްވާ ޖުލައި 31 ގެ ފަހުން ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ހުރިހާ ފަސިންޖަރުންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެއާލައިނުން ގުޅާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު