ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ލަދުވެތި ގޮތަކަށް 4-0 އިން ބާސެލޯނާ އިން ރެއާލް ބަލިކޮށްފިއެވެ.
އެންމެ ފަހުގެ ޔޫރަޕާއި، ސްޕެއިނުގެ ޗެމްޕިއަން ރެއާލުން މި ސީޒަނުގައި އެ ޓީމުގެ ވަރުގަދަ ސްކޮޑަށް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އިތުރުކޮށްފައިވުމާ އެކު ބެލެވިފައި އޮތީ އެ ޓީމުން ފަސޭހަކަމާ އެކު ލީގު ޑޮމިނޭޓްކުރާނެ ކަމަށެވެ.
ރެއާލް ދަނޑުގައި ރޭ އެ ޓީމުން 30 ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެކަމަކު، ކީލިއަން އެމްބާޕޭ ޖެހި މި ގޯލު ވަނީ އޮފްސައިޑް ކަަމަށް ނިންމައިފަ އެވެ. އެމްބާޕޭ، މި މެޗުގައި ގިނަ ފަހަރުތަކެއް މަތިން ވަނީ އޮފްސައިޑްވެފަ އެވެ. އެއަށްފަހު ބާސެލޯނާ އިން ލީޑު ނެގީ 54 ވަނަ މިނެޓުގައި ރޮބަޓް ލެވޮންޑޮސްކީ ޖެހި ގޯލުންނެވެ. އެ ގޯލަށް ފަހު ރެއާލަށް ހަމަޖެހިނުލެވެނީސް ލެވޮންޑޮސްކީ ވަނީ 56 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދީފަ އެވެ.
އަދި 77 ވަނަ މިނެޓުގައި ލަމީން ޔަމާލް ބާސެލޯނާ އަށް ތިން ވަނަ ގޯލު ޖަހައިދިނެވެ. މި ގޯލާ އެކު އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ ވެފައިވަނީ އެލް-ކްލަސިކޯ މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ފަހު ލަނޑު 84 ވަނަ މިނެޓުގައި ޖަހައިދިނީ މިދިޔަ ހަފުތާގައި ބެޔާން ކޮޅަށް ހެޓްރިކް ހެދި ރަފީނިއާއެވެ.
މި މޮޅާ އެކު، ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން 11 މެޗުން ބާސެލޯނާ އަށް 30 ޕޮއިންްޓް ލިބިފައިވާއިރު، ރެއާލް ދެ ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާ އެކު އެވެ.
މި ލިޔުން ކިޔާލުމުން