އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އައި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކ. ގުރައިދޫން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އަންގާރަ ދުވަހުގެ މެންދުރު ވަގުތު މާލެ އައި ޓީމު، ކޭމްޕްކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ދިޔައިރު، ޓީމަށް މަރުޙަބާ ކިޔުމަށްޓަކައި ރަށުގެ ކުދިބޮޑު އެންމެން ބަނދަރު މައްޗަށް ޖަމާވެފައިވެއެވެ. ޓީމުގެ ޝަރަފުގައި ބޮޑުބެރުގެ ޘަޤާފީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ، މިފަދަ ބައިނަލްއަޤްވާމީ ޓީމެއް ރަށުގައި ކޭމްޕްކުރުމުގެ ފުރުސަތު ލިބުމަކީ ރަށަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. ޓީމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ތައްޔާރަށް ތިބި ކަމަށާއި، ޓީމުގެ ފަރިތަކުރުންތަކަށް ރަށުގެ ދަނޑު ތައްޔާރުކޮށްދީފައިވާ ކަމަށް ވެސް ޝަލީޒް ވިދާޅުވިއެވެ.
"އެކުދިން މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ފުޓުބޯޅަ ދަނޑު. ހުރިހާ ވަގުތަކު ވެސް ދަނޑު ލިބޭނެ އެކުދިންނަށް. އޭގެ އިތުރުން ބީޗް ސަރަހައްދު ވެސް ޓީމުގެ ރިކަވަރީއަށް ބޭނުންކުރާނެ ކަމަށް ވަނީ ބުނެފައި،" ޝަލީޒް ވިދާޅުވިއެވެ.
ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން އިތުރު ކަންކަން ވެސް ރާވަމުންދާ ކަމަށާއި، ރާއްޖޭގެ ޘަޤާފަތް ދައްކާލުމަށް "މޯލްޑިވިއަން ނައިޓް" އެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ޝަލީޒް ހާމަކުރެއްވިއެވެ.
މި ކޭމްޕުގެ ތެރޭގައި ފަލަސްތީނުގެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މެޗުތައް ކުޅޭނީ މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ މެޗު ކުޅޭނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ފަލަސްތީނުގެ ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.






