ރަޙުމަތްތެރިކަމުގެ މެޗެއްގައި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ ޒުވާން ޓީމު ބައްދަލުކުރި މެޗު ފަލަސްތީނުން 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ފަލަސްތީނުން ޖެހި ހުރިހާ ލަނޑެއް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.
ފަލަސްތީނަށް ގޯލު ހުޅުވާލަދިނީ 19 ވަނަ މިނެޓުގައި ޒެއިން މުހައްމަދެވެ. އޭގެ 9 މިނެޓު ފަހުން ދެވަނަ ލަނޑު ތޯހާ ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ ޔަޒާނެވެ. ފަލަސްތީނުގެ ފަހު ދެ ލަނޑުވެސް ޖަހައިދިނީ ޒެއިނެވެ.
ފަލަސްތީނުގެ ޓީމު ރާއްޖެއަށް މި ދަތުރު ކުރީ ކުރިއަށް އޮތް އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ ޓީމު ކޭމްޕު ކުރަނީ ކ. ގުރައިދޫގައެވެ.
މީގެ ކުރިން ކުރި ކޭމްޕު ދަތުރުގައިވެސް ފަލަސްތީނުން ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅުނެވެ. އެ މެޗު ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.






