Saturday, October 31
ވިނިސިއަސް ޖޫނިއާގެ ހެޓްރިކަކާއެކު ރެއާލް އަށް ބޮޑު މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ރެއާލްމެޑްރިޑް ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު، 5-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފިއެވެ.

މި މެޗުގައި، ރެއާލްގެ ވިނިސިއަސް ޖޫނިއާ ވަނީ ހެޓްރިކެއް ހަދައިފައެވެ.

ރޭގެ މެޗުގައި، ރެއާލް ދަނޑުގައި ޑޯޓްމަންޑުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައެވެ. ޑޮންޔެލް މާލެން އާއި ޖޭމީ ގިޓެންސް ޖެހި ގޯލުތަކުން ޑޯޓްމަންޑުން އޮތީ ލީޑް ނަގާފައެވެ.

ދެވަނަ ހާފުގައި ރެއާލުން ފުރަތަމަ ލަނޑު ޖެހީ ކީލިއަން އެމްބާޕޭގެ ހުރަހަކުން އެންޓޯނިއޯ ރޫޑިގާއެވެ. ވިނިސިއަސް ފުރަތަމަ ޖެހި ގޯލު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އެ ގޯލު ބަލައިގަންނަން ނިންމީއެވެ. އޭގެ ފަހުން، އިންޑިވިޖުއަލް މޮޅު ދެ ގޯލު ޖަހައި، ވިނިސިއަސް ވަނީ ރެއާލް ކޮޅަށް މެޗު އަނބުރާލައިފައެވެ. އަދި ރެއާލްގެ ފަހު ގޯލު ޖެހީ، ލޫކަސް ވަޒްކޭޒްއެެވެ.

އެސްޓަން ވިލާ އިން ރޭ ބޮލޯނިއާ ކޮޅަށް ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގައެވެ. އެ ގޮތުން، ފުރަތަމަ ލަނޑު ޖެހީ، ހިލޭޖެހުމަކުން ޖޯން މެކްގިންއެވެ. އަދި ދެ ވަނަ ގޯލު ޖެހީ، ބަދަަލަކަށް ކުޅެން އަރައި ވިލާ އަށް އަބަދުވެސް ތަފާތު ދައްކާ ފޯވާޑް ޖޯން ޑުރާންއެވެ.

ރޭ ބޮލޯނިއާ އަތުން 2-0 އިން މޮޅުވި، އެސްޓަން ވިލާ އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު