އާދިއްތަ, November 29
ބިސް ބުރު ބަލިކޮށް ނިއު ރޭޑިއަންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބު 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ނިއު ރޭޑިއަންޓްގެ ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޮމޭޒް (ޑޯރީ) ވަނީ ހެޓްރިކެއް ހަދާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނެޓުގައި ކޯނަރަކުން ލިބުނު ފުރުޞަތެއްގައި ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ބިލިޓީއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއް ފަހުން ކޯނަރަކުން ތަނަވަސްވި ފުރުޞަތެއްގައި މަޖްދާން ޞާލިޙް ވަނީ ބިސް ބުރަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމު ކުޅެމުން ދަނިކޮށް، މެޗުގެ 19 ވަނަ މިނެޓުގައި ޑޯރީ ވަނީ ނިއު ރޭޑިއަންޓަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި ދެވަނަ ހާފު ފެށި ނިއު ރޭޑިއަންޓަށް ގިނަ ފުރުޞަތުތަކެއް ލިބުނު ނަމަވެސް، ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް ޑޯރީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ.

މި މޮޅާއެކު ނިއު ރޭޑިއަންޓަށް ވަނީ ލީގުގައި ކުޅުނު ހަތް މެޗުން 14 ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި ބިސް ބުރު އޮތީ، އެއް މެޗު އިތުރަށް ކުޅެ ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު