ވަޒީރެއްގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި އިޤްބާލް އާދަމް، އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.
ހއ. ވަށަފަރަށް ނިސްބަތްވާ އިޤްބާލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލީ ބޭފުޅެކެވެ. އިޤްބާލް މަޤާމުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، އެ ބޭފުޅަކު މަޤާމުން ވަކިކުރެއްވި ސަބަބެއް އަދި ހާމައެއް ނުވެއެވެ.
އިޤްބާލްގެ އިތުރުން، ނައިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގޭގެ ޗީފް އޮފް ސްޓާފް މުޙައްމަދު ވަހީދު ވެސް މިއަދު މަޤާމުން ވަކިކޮށްފައިވާ ކަމަށް މައުލޫމާތުލިބެއެވެ. ދެ ބޭފުޅުންނަކީ ވެސް ރައީސްގެ އާއިލީ ބޭފުޅުންނެވެ.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަޤާމަށް އިޤްބާލް ޢައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ގައެވެ.
ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި، އިޤްބާލްގެ ކޮއްކޮ ޢަލީ ޢާރިފް ވެސް ވަނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު މަޤާމުން ވަކިވެވަޑައިގެންފައެވެ.






