އާދިއްތަ, November 29
އެމްޑީޕީ އިންތިޚާބުގައި ވޯޓު އިތުރަށް ޖަހާފައިވާ ކަމަށް ޝަމްހީދު ތުހުމަތުކުރައްވައިފި

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޤައުމީ މަޖިލީހަށް މުޅި މާލެއިން ހޮވާ 16 ގޮނޑީގެ ނަތީޖާ ޝީޓާއި ވޯޓުދިން ގޮތާ ދިމާނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ތުހުމަތުކުރައްވައިފިއެވެ.

މީސްމީޑިއާ ޕްލެޓްފޯމް "އެކްސް"ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ، މުޅި މާލެއިން ހޮވާ 16 ގޮނޑިއަށް ވާދަކުރި ކެންޑިޑޭޓުންނަށް ހުޅުމާލެ ދެކުނު ދާއިރާއިން ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަ މީހުން ފާހަގަޖެހި ގޮތަށް ނެރެފައިވާ ނަތީޖާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައި ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ޝަމްހީދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ. ޝަމްހީދުގެ އިތުރުން އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް ބައެއް ނަތީޖާތަކާ މެދު ސުވާލު އުފައްދާފައިވެއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މުޅި މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި ކާމިޔާބުކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާޢީލްގެ "ބޮޑު ބަދަލު" ޓީމުންނެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތާއީދާއެކު ނުކުތް "ޓީމް އެމްޑީޕީ"އަށް ކާމިޔާބުވީ 4 ގޮނޑިއެވެ.

މި އިންތިޚާބުގެ ތެރޭގައި، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ނަގައިގެން ގޮސްފައިވާ ހާދިސާއެއް ވެސް ހިނގައިފައިވެއެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު