މާލޭގައި ފުޓްބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރާ ދަނޑުތަކުގެ ތެރެއިން އެއް ދަނޑު ކަމަށްވާ އެފްއޭއެމް ޓާފް ދަނޑު 1 ގެ ޓާފް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް ނިންމައި، ކުލަބުތަކާއި އެކަޑެމީތަކަށް މިއަދު ހުޅުވާލައިފިއެވެ.
މި ދަނޑުގެ ޓާފް ބަދަލުކުރީ 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ. ގިނަ އަހަރުތަކެއް ވަންދެން ޓާފް ބަދަލުނުކޮށް އޮތުމުން ދަނޑުގެ ޓާފް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެކަމުގެ ސަބަބުން ދަނޑު ބޭނުންކުރާ ޓީމުތަކާއި ކުޅުންތެރިންނަށް ކުޅުމުގައާއި ފަރިތަކުރުންތަކުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
ޓާފް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަސައްކަތް ނިންމާލާފައިވަނީ ގާތްގަނޑަކަށް 20 ދުވަހުގެ ތެރޭގައެވެ.
ދަނޑުގައި އައު ޓާފް އަޅައި ނިމުމާއެކު، މިއަދުން ފެށިގެން ކުލަބުތަކާއި ފުޓްބޯޅަ އެކަޑެމީތަކުގެ ފަރިތަކުރުންތަކަށް ދަނޑު ދޫކުރަން ވަނީ ފަށާފައެވެ. މިއީ މާލޭގެ ކުލަބުތަކާއި ގިނަ ފުޓްބޯޅަ އެކަޑެމީތަކުން ފަރިތަކުރުމަށް ބޭނުންކުރާ މައިގަނޑު އެއް ދަނޑެވެ.






