ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ދިއްދޫ ސްޕޯޓްސް ކްލަބު 2-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބު ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިއަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ކުޅުންތެރިޔާ ހަޑްސަން ޑިއާޒްއެވެ. މުޙައްމަދު ސާމިރު ނަގައިދިން ހުރަހަކަށް އަރައި، ހަޑްސަން އެ ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ.
ދެވަނަ ހާފުގައި އޮޑީގެ ލީޑު ފުޅާކޮށް، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމްއެވެ. އައިހަމް އެ ލަނޑު ކާމިޔާބުކުރީ ދިއްދޫގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
މި މޮޅާއެކު އޮޑިން ވަނީ ކުޅުނު އަށް މެޗުން 14 ޕޮއިންޓް ހޯދާފައެވެ. ލީގުގެ އެއްވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓް ހޯދާފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.






