ސަރުކާރުން ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށާއި، ވަކި ޕާޓީއަކަށް ވަނުމާ އެކަން ނުގުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، ނުކުޅެދުންތެރިކަން ހުންނަ ފިރިއަކު ހުރި އަންހެނަކު، އެ އާއިލާއަށް ބޯހިޔާވަހިކަމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާކަން ހިއްސާކުރުމުން ދެއްވި ޖަވާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ، އެއްވެސް ސިޔާސީ ވިސްނުމަކަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ޢަމަލުކުރާނެ ކަމަށެވެ.
"ޕާޓީއަށް ވަނުން، ނުވަނުން އެފަދަ އެހެންކަމެއްވެސް، އެގޮތަށް ނުވިސްނަވާތި. މިހާރުވެސް ކަނޑައެޅިފައިވާ އުޞޫލުތައް ހުންނާނެ. އެންމެ ނިކަމެތިކޮށް އުޅޭ މީހުންނަށް، އެންމެ ރަނގަޅު ގޮތެއްގައި ބޯހިޔާވަހިކަން ހޯދައިދޭނެ ގޮތްތައް ކަނޑައެޅިފައި އެބަހުރި،" ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ރިސްކު އެލަވަންސް ނުލިބޭ މައްސަލަ މުދައްރިސަކު ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ޕްރޮގްރާމުގައި ރައްޔިތުން ހުށަހެޅި ކަންކަން ބައްލަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.






