Saturday, November 28
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ދިގުރަށު ވޯޓު ފޮށި ބަޔަކު ނަގައިގެން ލޯންޗެއްގައި ފިލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަޔަކު ނަގައިގެން ލޯންޗެއްގައި ފިލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވޯޓު ފޮށި ނަގާފައިވަނީ އެ އަތޮޅު މަހިބަދޫން ދިގުރަށަށް ދިޔަ ބައެކެވެ. ވޯޓު ފޮށި ނެގުމަށްފަހު އެ މީހުން ވަނީ ލޯންޗަކަށް އަރައިގެން ފިލާފައެވެ.

މި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވޯޓުލާ މަރުކަޒުގެ ތެރެއަށް ބަޔަކު ވަދެ، ވޯޓު ފޮށި ހިފައިގެން ދުވެފައި ނުކުންނަ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ނަމަވެސް، މިކަން ކުރީ ކޮން ބައެއްކަން ރަސްމީކޮށް އަދި ސާފުވެފައެއް ނުވެއެވެ.

މިރޭ 21:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދިޔަ މި އިންތިޚާބަކީ އެމްޑީޕީގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބެވެ. 1،102 މަޤާމަކަށް 1،612 ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި 53،457 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.

މި އިންތިޚާބުގައި ޤައުމީ މަޖިލީހަށް އަތޮޅުތަކާއި ސިޓީތަކުން މެންބަރުން ހޮވުމުގެ އިތުރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީން ވެސް ހޮވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު