Friday, November 20
އިންޓަރޕާގެ 15 ވަނަ ކޮންފަރެންސްގައި ފުލުހުންގެ 3 އިސް އޮފިސަރުން ބައިވެރިވެއްޖެ

ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ޕޮލިސް އެކަޑަމީތަކުގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ (އިންޓަރޕާ) ގެ 15 ވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އިސް އޮފިޝަލަކު ބައިވެރިވެއްޖެއެވެ.

މި ކޮންފަރެންސްގައި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރި ވަފުދުގައި ހިމެނެނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތެވެ.

ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ ދަށުން ހިންގާ ގަތަރު ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ތިން ދުވަހަށް ބޭއްވި މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ޤައުމުތަކުގެ ޕޮލިސް އެކަޑަމީތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނު މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވިއެވެ.

ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފުލުހުންގެ ތަޢުލީމާއި ތަމްރީނު ނިޒާމުތައް ޒަމާނީކުރުމާއި، ތަމްރީނު މަންހަޖުތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. އަދި އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރެވޭނެ ޤާބިލު އޮފިސަރުން ބިނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، އިންޓަރޕާގެ 15 ވަނަ ޖެނެރަލް އެސެމްބްލީ ބައްދަލުވުމާއި 30 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުންވެސް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ބާއްވާފައެވެ. އެ ބައްދަލުވުންތަކުގައި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއި، ފުލުހުންގެ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު