އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލް 2-0 އިން ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ފްރާންސްގެ އޮލިމްޕިކް ލިއޯން އިން ހަމަހަމަކޮށްފިއެވެ.
އާސެނަލްގެ ދަނޑު، ބޯހަމްވުޑްގެ މީޑޯ ޕާކުގައި ކުޅުނު މި މެޗުގައި ލިއޯނަށް ލީޑު ނަގައިދިނީ 24 ވަނަ މިނެޓުގައި ޖަރުމަނުގެ ޖޫލް ބްރޭންޑެވެ. މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގެ ދެ ލެގުގައިވެސް އޭނާ ވަނީ އާސެނަލް ކޮޅަށް ލަނޑު ޖަހާފައެވެ. މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތަކެއް އުފެއްދި ލިއޯންގެ ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކުރީ މެލްޗީ ޑުމޯނޭއެވެ. ފޯވާޑް މާރީ-އެންޓޮއިނެޓް ކަޓޯޓޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޑުމޯނޭ ވަނީ ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލާފައެވެ. މިއީ މި ސީޒަނުގެ މުބާރާތުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗެއްގައި ބާސެލޯނާއިން ވަނީ އަމިއްލަ ދަނޑުގައި ސްވިޒަލެންޑުގެ ސާވެޓް އަތުން 6-0 އިން ފަސޭހަކަމާއެކު މޮޅުވެފައެވެ. އެ މެޗުގައި ބާސާގެ ކްލައުޑިއާ ޕީނާ ހެޓްރިކެއް ފުރިހަމަކުރިއިރު، ދެން ހުރި ލަނޑުތައް ޖަހައިދިނީ އައިޓާނާ ބޮންމާޓީ އާއި އެސްމީ ބްރޫގްޓްސްގެ އިތުރުން ޕެނަލްޓީއަކުން ކެރޮލީން ގްރަހަމް ހެންސެންއެވެ.
މި ނަތީޖާތަކާއެކު ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައި، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު، ބައިކޮޅަށް އެއްވެސް ލަނޑެއް ނުވަދެ 22 ލަނޑު ޖަހާފައިވާ ލިއޯން އޮތީ ދެވަނައިގައެވެ. ރޭގެ މެޗުން ބަލިވި އާސެނަލް ވަނީ 18 ޓީމު ވާދަކުރާ ތާވަލުގެ އަށްވަނައަށް ވެއްޓިފައެވެ.
މުބާރާތުގެ ލީގު ފިޔަވަހީގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 16 ގައެވެ. ގަދަ ހަތަރު ޓީމަށް ސީދާ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭއިރު، ފަސްވަނައިން ފެށިގެން 12 ވަނައާ ދެމެދު ނިންމާ ޓީމުތައް ވާދަކުރާނީ ނޮކްއައުޓް ޕްލޭއޮފް ބުރުގައެވެ.






