ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި ފަހަތުން އަރައި ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާއިން 10 ވަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދައިފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ޕާކިސްތާނުން ކުރި ހޯދިއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕާކިސްތާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޕާކިސްތާނުގެ ޖުނައިދު ޝާހަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން، އެ ޓީމުން މެޗުގެ ބާކީ ބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އިންޑިއާގެ ބްރައިސަން ފެނާންޑޭސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ރެފްރީ މި ނިންމުން ނިންމީ ވީއޭއާރުން ބެލުމަށްފަހުއެވެ.
އިދިކޮޅު ޓީމުން ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، އިންޑިއާ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ސުހައިލް ބަޓެވެ. މީގެ އިތުރުން، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ވެސް ސުހައިލް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓު އޮއްވާ، ކޯނަރަކުން އައި ބޯޅައަކުން އިންޑިއާ މޮޅުވި ލަނޑު ޖަހައިދިނީ ސަންދީޕް މަންޑީއެވެ.
މި މޮޅާއެކު އިންޑިއާއިން ވަނީ ސާފް ޗެމްޕިއަންޝިޕް ވިދިވިދިގެން ތިން ފަހަރަށް ކާމިޔާބުކޮށްފައެވެ. ޕާކިސްތާނުން މި މުބާރާތުގެ ފައިނަލަށް ދިޔައީ ފުރަތަމަ ފަހަރަށެވެ. ސެމީ ފައިނަލުގައި ޕާކިސްތާނުން ބަލިކުރީ ބަންގްލަދޭޝް 1-0 އިންނެވެ.






