ދެހާސް އަށާވީސް ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު، މިހާރު މަސައްކަތް ހިނގަމުންދާ ހުރިހާ އެއާޕޯޓެއް ނިންމައި ހުޅުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"2028 ގެ މެދުތެރެއަށް ދާއިރު މި ސަރުކާރުން ސޮއިކުރި އަދި މި ސަރުކާރު ހަވާލުވިއިރު ހިނގަމުންދާ ހުރިހާ އެއާޕޯޓެއް ނިންމައި، އިރާދަކުރެއްވިއްޔާ ހުޅުވާނަން. އެ ޔަޤީންކަން އަޅުގަނޑު ދެން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވައިގެ މަގުން ރާއްޖެ ގުޅުވާލުމަކީ އެމަނިކުފާނުގެ ތަސައްވުރެއް ކަމަށާއި، އެ އަމާޒަށް ވާޞިލުވުމަށް މިދިޔަ ތިން އަހަރުތެރޭގައި އެއާޕޯޓް އަޅަން ޖެހޭ މުހިންމު ރަށްރަށުގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވާ ކަމަށެވެ.
އަދި މި ސަރުކާރު ފެށުނުއިރު ކުރީގެ ސަރުކާރުން ވެސް ބައެއް ރަށްރަށުގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ފަށާފައިވާ ކަމަށާއި، އެ މަޝްރޫޢުތައް ވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރު ކަމަށެވެ. އެގޮތުން އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.






