ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ދަރަނި ދައްކާފައިވަނީ މީގެ ކުރީގެ 10 އަހަރު ދެއްކި މިންވަރަށްވުރެ އިތުރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ވާހަކަފުޅު ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
“މި އަހަރު އެކަނި އަޅުގަނޑުމެން ދަރަނި ދައްކައިފިން، ކަރަންސީ ސްވޮޕާއެކީގައި 1.45 ބިލިއަން އެމެރިކާ ޑޮލަރު. 1.45 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި. އަދި އެ އަދަދަކީ މީގެ ކުރީގައި 10 އަހަރު ދެއްކި އަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، 2023 ވަނަ އަހަރު ސަރުކާރާ ހަވާލުވިއިރު ބަޖެޓު ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10.5 އިންސައްތައިގައި ކަމަށެވެ. ސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓު ކަމަށްވާ 2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ފިސްކަލް ކަންކަން ރަނގަޅަށް މެނޭޖުކޮށްގެން ޑެފިސިޓް 3.6 އިންސައްތައަށް ކުޑަކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގު އުފުލުމާއި، ޓޫރިޒަމަށް އައި ލޮޅުންތަކާއެކުވެސް މި އަހަރު ނިމޭއިރު ޑެފިސިޓް 6.2 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، 2028 ވަނަ އަހަރު ނިމޭއިރު ޑެފިސިޓް 5 އިންސައްތައަށްވުރެ ކުޑަކުރުމަކީ އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ނުދައްކައި ހުރި ބިލުތަކުގެ ތެރެއިން 1.55 ބިލިއަން ރުފިޔާގެ ބިލުތައް ދައްކާފައިވާ ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކި ބިލުތަކަށް 25 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދައްކާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.






