ރަސްމާލޭގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ކަމަށެވެ.
ރަސްމާލޭން ހިއްކަން ނިންމާފައިވަނީ 1،009 ހެކްޓަރުގެ ބިމެވެ. އެހެންކަމުން، ދެން ބާކީ އޮތީ ގާތްގަނޑަކަށް 200 ހެކްޓަރުގެ ބިން ހިއްކުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރަސްމާލޭގެ 1،009 ހެކްޓަރުގެ ބިން މި އަހަރުގެ ނިޔަލަށް ހިއްކާ ނިންމުމެވެ.
ރައީސް ވިދާޅުވީ، މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ނިންމައި ރައްޔިތުންނާ ހަވާލުކުރާނެ އަހަރު ކަމަށެވެ.






