އާދިއްތަ, November 15
ހުޅުމާލޭގައި ނެޓްބޯޅަ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފަށައިފި

ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވިއިރު، ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ.

ހުޅުމާލޭ ފޭސް 1 ގައި އަޅާ މި ކޮމްޕްލެކްސްގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑާއެވެ. ކޮމްޕްލެކްސް އަޅަނީ ގާޒީ ސްކޫލު ކުރިމައްޗަށް އޮންނަ ހުސް ބިމުގައެވެ.

މި ކޮމްޕްލެކްސްގައި ފަރިތަކުރުމަށް ޚާއްޞަ ކޯޓުތަކާއި މުބާރާތްތަކުގެ މެޗުތައް ކުޅެވޭނެ ކޯޓެއް ހިމެނޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިޢު ވިދާޅުވީ، މި ކޮމްޕްލެކްސްއާއެކު 30 އަހަރު ވަންދެން ރާއްޖޭގައި ކުޅިވަރު ކުޅެން އެއް އިންޑޯ އޮތް އޮތުން ބަދަލުވެގެންދާނެ ކަމަށެވެ.

އަދި މި ކޮމްޕްލެކްސް އަޅާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ ގޮތަށް ކަމަށާއި، ސަރުކާރުން އެލީޓް އެތުލީޓުން އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް މިއާއެކު ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި އަޅާ ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިންގއާއެވެ.

ހުޅުމާލޭގައި ނެޓްބޯޅައާއި ފުޓްސަލްއަށް ޚާއްޞަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް ކުޅިވަރާ ބެހޭ ވުޒާރާއާއި މާލިއްޔަތު ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ 24 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު