ދިވެހި ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ މި މައުރަޒު ދިއްދޫގައި ބޭއްވުމަށް ނިންމީ، 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ޝަހީދުވި ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދަކީ އެ ރަށަށް ނިސްބަތްވާ ބޭފުޅަކަށް ވާތީއެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި، ސިފައިން އަހަރަކު ދެ ފަހަރު ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގެ 40 ވަނަ ޢަދަދު ވެސް ވަނީ ނެރެދެއްވާފައެވެ.
މައުރަޒު ޚާއްޞަކޮށްފައިވަނީ ނޮވެންބަރު 3 ގެ ހަމަލާގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާއަށާއި، އެ ދުވަހު ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީގެ މައްޗަށެވެ. ހަމަލާ ފެށުނީއްސުރެ ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ހާދިސާތައް ވަގުތު ފީތާއެއްގެ ގޮތުގައި ފެންނާނެހެން ކުރެހުންތަކާއި، ފޮޓޯތަކާއި، އަޑާއި މަންޒަރު އަދި ލިޔުންތައް މައުރަޒުގައި ހިމަނާފައިވެއެވެ.
މައުރަޒު ހުޅުވާލާފައި ހުންނާނީ ނޮވެންބަރު 13 އިން 14 ގެ ނިޔަލަށެވެ. ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށާއި ރޭގަނޑު 20:00 އިން 22:00 އަށް އާންމުންނަށް މައުރަޒަށް ޒިޔާރަތްކުރެވޭނެއެވެ.
މީގެ އިތުރުން، މާދަމާ ހެނދުނު 10:00 އިން 12:00 އަށް ދިއްދޫ ބަނދަރުގައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޮނޑިޔާ "ނޫރައްދީން" އަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އާންމުންނަށް ލިބޭނެއެވެ. އަދި މާދަމާ ހަވީރު 16:00 ގައި ދިއްދޫ އިސްލާމީ މަރުކަޒު ސަރަޙައްދުގައި މިލިޓަރީ ޑިސްޕްލޭއަކާއި ޢާއިލީ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިއްދޫއަށްފަހު، މި މަހުގެ 20 އަދި 21 ގައި މި މައުރަޒު ހއ. ބާރަށުގައި ވެސް ބާއްވާނެއެވެ. ބާރަށަކީ ނޮވެންބަރު 3 ގެ ޢުދުވާނުގައި ޝަހީދުވި ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިންގެ އުފަން ރަށެވެ.






