ހއ. ވަށަފަރުގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓު، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ކޯޓު ހުޅުވައިދެއްވީ، ވަށަފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފްގެ އިތުރުން، ވަށަފަރު ކައުންސިލްގެ އިސްވެރިންނާއި، މުއައްސަސާތަކުގެ ވެރިން އަދި ރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުންނާއި ޢާންމު ރައްޔިތުން ބައިވެރިވިއެވެ.
މި ކޯޓުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. ރަށުގެ ވޮލީ ކުޅުންތެރިންނަށް ތަމްރީނުތައް ހެދުމަށާއި މުބާރާތްތައް ބޭއްވުމަށް މި ކޯޓު ބޭނުންކުރެވޭނެއެވެ.
މި ކޯޓާއެކު ވަށަފަރުގެ ކުޅިވަރުގެ ހަރަކާތްތައް އިތުރަށް ދިރުމުގެ އިތުރުން، ވޮލީގެ ދާއިރާއިން ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދުކުރެއެވެ.
ރަށްރަށުގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ފުރިހަމަކުރުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ހިންގަމުން ދެއެވެ.






