ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ހަވާސާގައި ރާއްޖެއިން އިސްކަންދޭ މޫސުމީ ކަންކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން، އެ ކޮންފަރެންސްގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ބައްދަލުކުރެއްވުން ބޭއްވީ އަންތާލިޔާގައެވެ. އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މި ކޮންފަރެންސްގައި ދިވެހި ވަފުދުން މައިގަނޑު ގޮތެއްގައި ބާރުއަޅަމުން ދަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށެވެ.
އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ، މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ވެސް ދިވެހި ވަފުދުން ދަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ވެސް ކޮޕް31 ގައި ރާއްޖެ ތަމްސީލުކުރާ ޓީމުން ދަނީ ވަކާލާތުކުރަމުންނެވެ.
ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ވަފުދުގެ މަސައްކަތްތައް ފާހަގަކުރައްވައި، ވަފުދަށް ހިތްވަރު ދެއްވާފައެވެ.






