ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި، އެއް ލަނޑު ފަހަތުގައި އޮތުމަށްފަހު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެ، އިޓަލީން ގްރޫޕް އޭ ގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
މިލާނުގެ މަޝްހޫރު ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވަރުގަދަކޮށް ފެށީ ފްރާންސުންނެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ވަނީ ލަނޑެއް ޖަހައި ފްރާންސަށް ކުރިހޯދައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިޓަލީން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯއެވެ.
ދެވަނަ ހާފު ފަށައިގެން 60 ވަނަ މިނެޓުގައި ލީޑު ނެގުމަށް އިޓަލީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިޓަލީއަށް ލިބުނު މި ޕެނަލްޓީ ސެބަސްޓިއާނޯ އެސްޕޮސިޓޯ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އެހެން ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ފެޑެރީކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޑާވިޑޭ ފްރަޓޭސީ ވަނީ ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް އިޓަލީއަށް ލީޑު ނަގައިދީފައެވެ.
އިޓަލީން މެޗުގެ މޮޅު ކަށަވަރުކުރީ މެޗުގެ ފަހުކޮޅު އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީއިންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯއެވެ.
މި ނަތީޖާއާއެކު ގްރޫޕުގައި ކުޅުނު ފަސް މެޗުން އިޓަލީ އަދި ފްރާންސަށްވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބެނީ އިޓަލީއަށެވެ. މި ގްރޫޕުގެ ތިންވަނައިގައި ނުވަ ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު، ގްރޫޕުގެ ފުލުގައި އޮތީ ތުރުކީއެވެ.






