އޯޓީޕީ ހޯދައިގެން ފޯނު ނަންބަރު އީ-ސިމްއަށް ބަދަލުކޮށް، ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، ފާއިތުވި މަސްދުވަހަށް ބަލާއިރު ތަހުގީގުތަކުން ދައްކާ ގޮތުގައި، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ޓެކްސްޓް މެސެޖުތަކުގެ ޒަރީޢާއިން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، އެ މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަންބަރަކީ މީގެ ކުރިން ގުޅާ މީހާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދަން ބޭނުންވާ ކަމަށް ބުނެވެސް ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނާ ގޮތުގައި، މިފަދަ ކޯޑުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް އެކައުންޓެއް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެކެވެ. ކުށްކުރާ ފަރާތްތަކުން، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް އަމިއްލަ ފޯނަށް ބަދަލުކުރުމުން، އެ މީހާއަށް އަންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް ލިބެނީ ކުށްކުރާ މީހުންނަށެވެ. އަދި އެ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ބޭންކް އެކައުންޓްތަކަށް ހުއްދަނެތި ވަދެ ފައިސާ ޓްރާންސްފަރކޮށް، ބޮޑެތި މާލީ ގެއްލުންތައް ދަނީ ކުރިމަތިކުރުވަމުންނެވެ.
މިފަދަ ކުށްތަކުން ރައްކާތެރިވުމަށްޓަކައި، ގުޅާ ފަރާތަކީ ނަންބަރު ކުރިން ބޭނުންކުރި މީހާ، ރައްޓެއްސެއް، ބޭންކެއް ނުވަތަ ޓެލެކޮމް ކުންފުންޏެއް ކަމަށް ބުނި ކަމުގައި ވިޔަސް، އެއްވެސް ފަރާތަކާ އޯޓީޕީ، ޕިން ނުވަތަ ވެރިފިކޭޝަން ލިންކު ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އެކައުންޓް އަލުން ހޯދުމުގެ ރަސްމީ މަރުހަލާތަކުގައި، ކުރިން ބޭނުންކޮށްފައިވާ ނަންބަރެއް މިހާރު ގެންގުޅޭ ފަރާތަކާ ގުޅާކަށް ދުވަހަކުވެސް ނުޖެހޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ފިޒިކަލް ސިމް ކާޑުގެ ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، އެއީ ހުއްދައަކާ ނުލައި އީ-ސިމް ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެތީ، ލަސްނުކޮށް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރާ ގުޅުމަށް ވެސް ފުލުހުން އެދެއެވެ.
ޝައްކުކުރެވޭ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާ ކަމަށް ޝައްކުކުރެވޭނަމަ، ވަގުތުން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ 911 އަށް ރިޕޯޓުކޮށް، އެކައުންޓްތައް ފްރީޒްކުރުމަށް ބޭންކާ ގުޅުމަށް ފުލުހުން އެދިފައިވެއެވެ. ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދުމަށް އެ ޕްލެޓްފޯމެއްގެ ސަޕޯޓްގެ އެހީ ނުވަތަ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީ ހޯދުމަށް ވެސް ފުލުހުން ލަފާދީފައިވެއެވެ.






