Friday, November 13
ޗައިނާގެ އެހީގައި ޤާއިމުކުރާ ގްރީން ނާސަރީގެ މަސައްކަތް ބާރަށް ކުރިއަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޤާއިމުކުރާ "ގްރީން ނާސަރީ"ގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، މި ނާސަރީގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ދަނީ ހުއްޓުމެއްނެތި، ތާވަލާ އެއްގޮތަށް ކުރިއަށެވެ.

މި ނާސަރީ ތަރައްޤީކުރަނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްތަކާއި، ޚާއްޞަކޮށް ރާއްޖޭގެ މާޙައުލާ ގުޅޭ ދިވެހި ރުއްގަހާއި ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކޮށް ހެއްދުމަށެވެ.

މި މަޝްރޫޢު ފުރިހަމަވުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގަސްގަހާގެހި އިތުރުކޮށް ރާއްޖެ ފެހިކުރުމުގެ މަޤްޞަދުގައި ފަށާފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު