އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެން، މެންޗެސްޓާ ޔުނައިޓެޑުގެ ހެޑް ކޯޗު މައިކަލް ކެރިކް އެ ކްލަބުން ވަކިކޮށްފިއެވެ.
މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ކުޅުނު 15 މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ. ލީގުގައި ކުޅުނު ފުރަތަމަ 10 މެޗުން މޮޅުވެވުނީ އެންމެ މެޗަކުން ކަމަށްވާއިރު، ޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 18 ވަނައިގައި، ރެލިގޭޝަން ޒޯނުގައެވެ.
ކެރިކް ވަކިކުރުމުގެ ނިންމުން ނިންމާފައިވަނީ، ކްލަބުގެ ހިއްސާދާރު ސަރ ޖިމް ރެޓްކްލިފް، ސީއީއޯ އޮމަރު ބެރާޑާ އަދި ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް މޮނާކޯގައި ކުރި މަޝްވަރާތަކަށްފަހުއެވެ.
އުމުރުން 45 އަހަރުގެ ކެރިކް ފުރަތަމަ ޔުނައިޓެޑާ ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އޭރު ހޯދި ކާމިޔާބީތަކާ ގުޅިގެން، މި ސީޒަނަށް ޔުނައިޓެޑުން ވަނީ ކެރިކް ދާއިމީ ކޯޗަކަށް ހަމަޖައްސާފައެވެ.
ކެރިކްގެ ބަދަލުގައި ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމަށް އެންމެ ގާތީ، މިހާރު އެމެރިކާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކުރާ މައުރީސިއޯ ޕޮޗެޓީނޯއެވެ. ކުރިން ޓޮޓެންހަމް އާއި ޗެލްސީގެ ކޯޗުކަން ކޮށްދީފައިވާ ޕޮޗެޓީނޯ އެމެރިކާގެ ކޯޗުކަމުން ވަކިވާނަމަ، އެއްބަސްވުން އުވާލުމުގެ ފީގެ ގޮތުގައި 10 މިލިއަން ޑޮލަރު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ދައްކަން ޖެހޭނެއެވެ.






