Thursday, November 12
ސީޕްލޭން ހާދިސާ ތަހުގީގުކުރަމުންދާ ކަމަށް އެމްޓީއެސްބީން ބުނެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ން ބުނެފިއެވެ.

އެ ބޯޑުން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ނޫވިލު ސީޕްލޭން ޓާމިނަލުން ފުރަން އުޅުމުގެ ތެރޭގައި އިއްޔެ މެންދުރު ހިނގި މި ހާދިސާގައި އަނިޔާވީ ސީޕްލޭންގެ އެޓެންޑަންޓަށް ކަމަށާއި، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ބޯޓުން ދަތުރުކުރި އެހެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ބޯޑުން ބުނެފައިވެއެވެ.

ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް އެމްޓީއެސްބީން ބުނެފައިވެއެވެ.

ސީޕްލޭން އެއްފަޅިއަކަށް ބަރުވި ވަގުތު ކަނދު ބިންދައިގެން ގޮސް، ކަނދާއި ބޯޓާ ދޭތެރޭ ފިތިގެން އަނިޔާވި ކްރޫއަށް އަދިވެސް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި، ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތުލިބެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ން ނެރުނު ބަޔާނެއްގައި ވަނީ، ސީޕްލޭން ދިޔަވީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީކުރުމުގެ ތެރޭގައި ކަމަށެވެ. ހާދިސާ ހިނގި ވަގުތުން އެ ކުންފުނީގެ އެއާޕޯޓް އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު