ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ އިދާރާ (ސާފް) އަކީ އަރަބިންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅޭ ބައެއް ކަމަށް ތުހުމަތުކޮށް، ސާފް ޗެމްޕިއަންޝިޕްގައި ދެން ދުވަހަކުވެސް ކޯޗުކޮށްދޭން ނާންނާނެ ކަމަށް ސްރީ ލަންކާގެ ޤައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފިއެވެ.
މުތައިރީ މި ވާހަކަ ބުނީ، ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ބަންގްލަދޭޝް އަތުން ލަންކާ ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. "މިއީ އަހަރެން ސާފް ސަރަހައްދަށް އަންނާނެ އެންމެ ފަހު ފަހަރު. ސަބަބަކީ ސާފްގައި މައްސަލައެއް އެބައޮތް. އެއީ އަރަބިންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅުން،" މުތައިރީ ބުންޏެވެ.
ކުވައިތަށް ނިސްބަތްވާ މި ކޯޗު ރުޅިއައީ، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ރޭގަނޑު ދަންވަރު ސާފްގެ ލީގަލް ޑިޕާޓްމަންޓުން އޭނާއަށް ފޮނުވި އީމެއިލަކާ ގުޅިގެންނެވެ. ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ރެފްރީންނަށް ފާޑުކިޔުމުން ފޮނުވި އެ ނޯޓިސްގައި، ހަ މަހާއި އެއް އަހަރާ ދެމެދުގެ ސަސްޕެންޝަނަކާއެކު 10،000 ޑޮލަރުން ޖޫރިމަނާކުރެވިދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް މުތައިރީ ބުންޏެވެ.
މީގެއިތުރުން، 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ އޭރުގެ ކޯޗު އިގޯ ސްޓިމަކް ހިންގި އަމަލުތަކާ ގުޅިގެން އޭނާ ޖޫރިމަނާކުރީ 500 ޑޮލަރުން ކަމަށްވެސް މުތައިރީ ފާހަގަކުރިއެވެ.
މުތައިރީ މީގެކުރިން ނޭޕާލްގެ ޤައުމީ ޓީމުގެ ކޯޗުކަމުގައިވެސް މަސައްކަތްކޮށްފައިވާއިރު، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދީފައިވެއެވެ.






