އިސްރާއީލުން ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަބްރާ އަވަށަށް އަންގާރަ ދުވަހު ދިން ވައިގެ ހަމަލާތަކެއްގައި، ފަލަސްތީނުގެ ޒުވާން ގޯލްކީޕަރު މަހްމޫދު ކަމާލް ފާރިސް އަބްދުލްމާލިކް ޝަހީދުވެފައިވާކަން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
އުމުރުން 20 އަހަރުގެ އަބްދުލްމާލިކަކީ ޣައްޒާ ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޓީމުގެ ގޯލްކީޕަރުގެ އިތުރުން އެ ޓީމުގެ ކެޕްޓަނެވެ. އޭނާއަކީ 2023 އޮކްޓޫބަރުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި ކުޅިވަރުގެ ދާއިރާގެ 1،017 ވަނަ ފަރާތެވެ.
އޭނާ ޝަހީދުވެފައި މިވަނީ ހަނގުރާމައިގައި ޝަހީދުވި ކުޅުންތެރިންނާއި އޮފިޝަލުންގެ ހަނދާނުގައި ބޭއްވި "ތައުޒަންޑް މާޓާސް ކަޕް" ގެ ފައިނަލް މެޗުގައި އޭނާ ކުޅުނުތާ އެންމެ ފަސް ދުވަސް ފަހުންނެވެ. އެ މުބާރާތުގެ ޣައްޒާ އަދި އުތުރު ޣައްޒާ ޑިވިޝަނުގެ ދެވަނަ ހޯދީ އަބްދުލްމާލިކް ކުޅުނު ޣައްޒާ ސްޕޯޓްސް ކްލަބުންނެވެ.
ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބުނާނުގައި ތިބި ފަލަސްތީނު ރެފިއުޖީ ކޭމްޕުތަކުން 200 އަށް ވުރެ ގިނަ ކްލަބު ބައިވެރިވި މި މުބާރާތާ ގުޅޭގޮތުން ޕީއެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ވިދާޅުވީ، މި މުބާރާތުން ދައްކުވައިދިނީ ފަލަސްތީނުގެ ރައްޔިތުންގެ ޤައުމީ އަޒުމް ގުޑުވާނުލެވޭނެ ކަމާއި ކުޅިވަރަކީ އަދިވެސް އުންމީދާއި ދިރުމުގެ ރަމްޒެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެވެ.
އަބްދުލްމާލިކް ޝަހީދުވުމުގެ ދުވަސްކޮޅެއް ކުރިން، ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި އެކުވެރިންނާއެކު ފުޓްބޯޅަ ކުޅެން ހުއްޓާ އުމުރުން 15 އަހަރުގެ މުހައްމަދު ނިދާލް ބަރްބަކް ވެސް އިސްރާއީލު ސިފައިން ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ގަވާއިދުތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރު ވެސް، އެ އިދާރާއިން ފިޔަވަޅު ނާޅާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ހުރި 56 ކްލަބުގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލަބާއި ފީފާގެ އެހީގައި ހަދާފައިވާ 20 ފުޓްސަލް ދަނޑު ވަނީ ހަލާކުވެފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުގައި، 2023 އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 74،645 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.






