Thursday, November 12
ގެރެންޓީ ދެއްވި ލޯނުގެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް ޝަމްހީދު ވިދާޅުވެއްޖެ

ބޭންކަކުން ކުންފުންޏަކަށް ދޫކުރި ލޯނަކަށް ގެރެންޓީ ދެއްވުމާ ގުޅިގެން ޒިންމާވާންޖެހުނު ދަރަނި، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކަވައި ޚަލާޞްކުރައްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނުގެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެ ހުކުމުގައި، ޝަމްހީދު ހިމެނޭ ގޮތަށް ލޯނަށް ގެރެންޓީ ދިން ފަސް ފަރާތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 36،647.76 އެމެރިކާ ޑޮލަރާއި، ލޯނަށް ގަވާއިދުން ފައިސާ ނުދައްކާތީ އަރަމުންދާ ޖޫރިމަނާ އަދި ޗެރިޓީ ފައިސާ ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެމްއައިބީން ދައުވާކުރީ، ޑުޕްލެކްސަށް ދޫކުރި 500،000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ" އަށް އެއްބަސްވި ގޮތަށް ފައިސާ ނުދައްކާތީއެވެ.

ބަޔާނުގައި ޝަމްހީދު ވިދާޅުވީ، މި ލޯނު ނެގީ ޑުޕްލެކްސް ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ކަމަށާއި، ލޯނަށް ގެރެންޓީ ދެއްވީ އެ ބޭފުޅުންނަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ ރައްޓެހިންތަކަކާއެކު އޭނާ އުފެއްދެވި ކުންފުންޏެއް ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.

ލޯނު ނުދައްކާކަން އެނގިވަޑައިގަތުމުން ކުންފުނީގެ އިސްވެރިންނާ ވާހަކަދައްކަވައި ލޯނު ދައްކަން ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެ ފަރާތްތަކުން އެއްބާރުލުން ނުދިނުމުން، މިއަދާ ހަމައަށްވެސް އަމިއްލަ ހައިސިއްޔަތުން ފައިސާ ދައްކަމުން ގެންދަވަނީ އޭނާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމުންވެސް ކުންފުނީގެ އިސްވެރިން ކޯޓަށް ޖަވާބުދާރީ ނުވި ކަމަށާއި، ހުކުމް ކުރުމުގެ ކުރިން ކޯޓަށް ހާޒިރުވާން އޭނާއަށް އަންގާފައި ނުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. މައްސަލަ ނިންމިކަން އޭނާއަށް އެންގީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

ކުންފުނި ހިންގަން މިހާރު ތިބި ފަރާތްތަކުން ސިޔާސީ ގޮތުން އޭނާއާ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކުރަމުން ގެންދާކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، އަމިއްލަ މަސްލަހަތު ހުރި ކަންކަން ސިޔާސީ ކޮށްގެން އޭނާގެ އަބުރު ނަގާލަން ޖާގަ ނުދެއްވާނެ ކަމަށެވެ.

"މި ލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް ގާނޫނީ ގޮތުން އަޅުގަނޑާ މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއެކު ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދު ވިދާޅުވިއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި ޝަމްހީދުވެސް ހިމެނިވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު