އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންނަށް ހުޅުމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިނާއި ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އަލުން އިއުލާނުކޮށްފިއެވެ.
އައިއޭއެސްއިން ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހު ކޮށްފައިވާ އިއުލާނު ބާތިލުކޮށް، ޝަރުތު ހަމަވާ ތަޖުރިބާކާރު ކުންފުނިތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ފުރުޞަތު ވަނީ އަލުން ހުޅުވާލާފައެވެ.
އިއުލާނާއެކު އާންމުކޮށްފައިވާ ޑްރޯއިންގ ގައިޑްލައިންތަކުން އެނގޭ ގޮތުގައި، މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް އިމާރާތް އަޅަން ހަމަޖެހިފައިވަނީ ހުޅުމާލެ 2 ގައި ހުރި 20،819 އަކަފޫޓުގެ ބިމެއްގައެވެ.
ޝައުގުވެރިވާ ކުންފުނިތަކުން އީއޯއައި ފޯމު ފުރިހަމަކޮށް އައިއޭއެސްގެ ޕްރޮކިއުމަންޓް އީމެއިލަށް ފޮނުވަންވާނީ، 17 ނޮވެމްބަރު 2026 ގެ ރޭގަނޑު 23:59 ގެ ކުރިންނެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މި މުއްދަތުގައި ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައިވެއެވެ.
މި މަސައްކަތާ ގުޅޭ އާރްއެފްޕީ ލިޔުންތަކާއި އީއޯއައި ފޯމު، އަދި ޑްރޯއިންގ ގައިޑްލައިންތައް ސަރުކާރުގެ ގެޒެޓުގައިވާ އިއުލާނުން ޑައުންލޯޑުކުރެވޭނެއެވެ.






