ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، ބިރުދައްކައި އަނިޔާކުރި ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، އިފްހާމް އަހުމަދު (19) އެވެ. އޭނާގެ މައްޗަށް ކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ޖިނާއީ މަޖުބޫރުކުރުވުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ކެފޭއެއްގެ ތެރޭގައި ތިން ގަޑިއިރެއްހާއިރު ވަންދެން ބަޔަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓާފައިވެއެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކުގެ ފޯނު ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ޖަހާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށާއި، މީހުންގެ ކުރިމަތީގައި އަނިޔާ ލިބުނު ފަރާތުގެ ގަދަރާއި އަބުރަށް އުނިކަން އަންނާނެ ގޮތަށް ފޯނުން ވީޑިއޯކޮށްފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.
އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ހެކިންގެ ބަޔާންތަކާއި، މެޑިކޯ ލީގަލް ރިޕޯޓާއި އަނިޔާތައް ފެންނަ ފޮޓޯ ރިޕޯޓާއި ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓްތައް ކޯޓަށް ހުށަހަޅާފައިވެއެވެ.
ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އޭނާގެ ވަކީލު ކޯޓުގައި އެދުނު ނަމަވެސް، ކޯޓުން ވަނީ އޭނާ 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.






