Thursday, November 12
އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ނުކުޅޭނެ ކަމަށް ޒިދާން ބުނެފި

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ އިޓަލީއާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗުގައި، އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ނުކުޅޭނެ ކަމަށް ފްރާންސްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުނީ، ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އެމްބާޕޭއަށް އަދިވެސް ކޮންމެވެސް ވަރެއްގެ ތަދެއް އިހުސާސްކުރެވޭތީ، އަނިޔާ އިތުރަށް ގޯސްވެދާނެތީ ރިސްކް ނުނަގަން ނިންމީ ކަމަށެވެ.

"އޭނާ ނެތްތައް ދައްކާނެ. އެކަމަކު އެއީ ކުރިމަތިލާން ޖެހޭ ކަމެއް. އަހަރެން އުންމީދުކުރަނީ އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް،" ޒިދާން ބުންޏެވެ.

އެމްބާޕޭ ޤައުމީ ސްކޮޑާއެކު މަޑުކުރާނެ ކަމަށާއި، ފްރާންސުން ދެން ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވާނެ ކަމަށް އުންމީދުކުރާ ކަމަށް ޒިދާން ބުންޏެވެ. ނަމަވެސް، އެއީ އަދި ޔަގީންވާ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

އަނިޔާގެ ސަބަބުން ފްރާންސުން އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް އެމްބާޕޭ ކުޅެފައެއް ނުވެއެވެ. ބުދަ ދުވަހު ބޭއްވި ޓީމުގެ ތަމްރީނުގައިވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ.

މި މެޗު އޮންނާނީ އިޓަލީގެ މިލާނުގައި ހުންނަ ސެން ސީރޯގައެވެ. ފްރާންސުން މިހާތަނަށް ގްރޫޕުގައި ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށް، އަނެއް މެޗު އެއްވަރުވެފައިވަނީ އިޓަލީއާ 1-1 އިންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ފްރާންސަށް މި މެޗުން މޮޅުވެގެން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އޮތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު