ޗައިނާގައި ކުރިއަށްދިޔަ ސީއެފްއޭ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި މުބާރާތް ބޭއްވި ޗައިނާ އަތުން 3-8 އިން ބަލިވެ، ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު މުބާރާތުގެ ތިންވަނައިގައި ނިންމާލައިފިއެވެ.
މިއަދު ކުޅުނު މި މެޗުގެ ކުރީކޮޅު ޗައިނާއިން ވަނީ ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިޝާން އިބްރާހީމް ރާއްޖެއަށް ލަނޑެއް ޖަހައި ފަރަގު ކުޑަކުރުމާއެކު، ފުރަތަމަ ހާފު ނިމުނީ 3-1 އިން ޗައިނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކޮށް، ޢަބްދުﷲ ޝާފިޢު އަދި އަޙްމަދު ޙަމީދު ވަނީ ރާއްޖެއަށް އިތުރު ދެ ލަނޑު ޖަހާފައެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު ޗައިނާއިން އިތުރު ލަނޑުތައް ޖަހައި، 8-3 އިން މެޗު ކާމިޔާބުކުރިއެވެ.
ހަތަރު ޤައުމު ވާދަކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ. ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނާއިންނެވެ. ހަ ޕޮއިންޓާއެކު ދެކުނު ކޮރެއާ ދެވަނައަށް ދިޔައިރު، ތިން ޕޮއިންޓާއެކު ރާއްޖެ ތިންވަނައިގައި ނިންމާލިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން 1-5 އިން ރާއްޖެ ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ހޮންގް ކޮންގްގެ މައްޗަށް 7-0 ގެ ބޮޑު މޮޅެއް ރާއްޖެއިން ވަނީ ހޯދާފައެވެ.
ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން މި އަހަރު ބޭއްވުނު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ވަނީ ކާމިޔާބުކޮށްފައެވެ.






