Monday, November 9
ފޯޅަވަހީގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސާއި މެންބަރަކު ވަކިކޮށްފި

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރައީސާއި މެންބަރަކު ވަކިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ގަރާރުގެ ދަށުން، ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ކަށިމާ އަޙްމަދު ޝާކިރާއި ކޮމިޝަނުގެ މެންބަރު ޢަބްދުލްޢަޒީޒު ޔޫސުފް ވަނީ ކޮމިޝަނުން ވަކިކުރައްވާފައެވެ.

އެ ދެ ބޭފުޅުންގެ ބަދަލުގައި ކޮމިޝަނަށް އައްޔަންކުރައްވާފައިވަނީ ކެޕްޓަން އަޙްމަދު ޒުބައިރާއި ޢާއިޝަތު ފަޒްނާ އަޙްމަދެވެ. އަދި ކޮމިޝަން ފުރަތަމަ އެކުލަވާލިއިރުވެސް މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ޑރ. ޢަބްދުލްމުޙުސިން މުޙައްމަދު، ކޮމިޝަނުގެ އައު ރައީސްކަމަށް ވަނީ ހަމަޖައްސަވާފައެވެ.

މި ކޮމިޝަނަށް ބަދަލުތައް ގެނެސްފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހު ކޮމިޝަން އުފެއްދެވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ބަދަލުތަކާއެކު ކޮމިޝަނުގައި ދެން ތިއްބަވާނީ ޑރ. އާމިނަތު ޝާފިޔާ އާދަމް، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ސޯދިގު، އަޙްމަދު ޢަލީ މަނިކު އަދި ފާޠިމަތު މިންހަތު ޢިއްޒަތެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މައްސަލަ ހުށަހެޅުމާ ހަމައަށް އަދި މައްސަލަ ކުރިއަށްދިޔަ ގޮތާއި، ރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކުން ޢަމަލުކުރި ގޮތް ބަލައި ތަޙުޤީޤުކުރުމަކީ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރެއިން އެއްކަމެވެ.

މީގެ އިތުރުން، ދައުލަތުގެ ފަރާތުން ޝާމިލުވި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ރައްކާކުރެވިފައިވާ ގޮތް ބެލުމާއި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމުގެ ޒިންމާވެސް ކޮމިޝަނާ ވަނީ މަތިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން މި ކޮމިޝަން ދެމިއޮންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު