Monday, November 9
ހއ. ދިއްދޫ އެއާޕޯޓުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފަށާނެ

ހއ. ދިއްދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ދިއްދޫ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި، އެއާޕޯޓުގެ ބައުންޑްރީ ޖެހުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެއެވެ. އަދި 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއާޕޯޓުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިއްދޫގައި ތަރައްޤީކުރަނީ ޑޮމެސްޓިކް އެއާޕޯޓެކެވެ. މި އެއާޕޯޓުގައި މަދުވެގެން 1،500 މީޓަރުގެ ރަންވޭއަކާއި ޓާމިނަލެއްގެ އިތުރުން، އެއާޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. ހިއްކި ބިމުން އެއާޕޯޓަށް ބޭނުންކުރާ ބައި ފިޔަވައި ބާކީ ބިން ރަށުގެ އެހެން ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

އެއާޕޯޓު ތަރައްޤީކުރުމަށްޓަކައި 112 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު 50 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. ދިއްދޫ އެއާޕޯޓަކީ މި ރިޔާސީ ދައުރުގައި ރާއްޖޭގައި 15 އެއާޕޯޓު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރުގައި ހިމެނޭ މަޝްރޫޢެކެވެ.

މީހުން ދިރިއުޅޭ 14 ރަށާއެކު 16،000 އެއްހާ މީހުންގެ އާބާދީއެއް އޮތް ހއ. އަތޮޅަށް މިހާރު ޚިދުމަތް ދެނީ ހޯރަފުށީ އެއާޕޯޓުން އެކަނިއެވެ. ދިއްދޫ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ، ޚާއްޞަކޮށް އެ ބިތުގައި ހިމެނޭ ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއް ޤާއިމުކުރުމަށް ސަރުކާރުން ރާވާފައިވާއިރު، ދިއްދޫ އެއާޕޯޓަކީ އެ ސަރަޙައްދުގެ ތަރައްޤީގެ މުހިންމު ބައެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު