Monday, November 9
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިރޭ 1:00 ޖެހުމާ ހަމައަށެވެ. އެ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިރޭ 23:30 ގެ ނިޔަލަށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން ކުރިއަށް ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މި ހަފުތާގެ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މީގެ ކުރިން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު