Monday, November 9
ފާމިން ލޮޕޭޒްގެ ދެ ލަނޑާއެކު އެތުލެޓިކޯ ބަލިކޮށް ބާސެލޯނާގެ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި 2-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ލީޑު ފުޅާކޮށްފިއެވެ.

އެތުލެޓިކޯގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނެގީ އެތުލެޓިކޯއިންނެވެ. ހޫލިއަން އަލްވަރޭޒް ނަގައިދިން ބޯޅައެއް ގޯލަށް ވައްދާލީ ގިއުލިއާނޯ ސިމިއޯނީއެވެ.

ފުރަތަމަ ހާފުގައި އެތުލެޓިކޯގެ މާކް ޕުބިލް ފޮނުވާލި ހަމަލާއަކާއި، ބާސެލޯނާގެ ޕެޑްރީ ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފާމިން ލޮޕޭޒްއެވެ. ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ލަމީން ޔަމާލް ދިން ޕާހަކުން ބާސެލޯނާގެ މޮޅު ލަނޑު ޖަހައިދިނީ ވެސް ފާމިން ލޮޕޭޒްއެވެ.

މި މޮޅާއެކު 12 މެޗުން 33 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާއަށް، 30 ޕޮއިންޓާއެކު ދެވަނައިގައި އޮތް ރެއާލް މެޑްރިޑްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯއަށް ވަނީ 28 ޕޮއިންޓް ލިބިފައެވެ.

ބާސެލޯނާއިން މި ސީޒަނުގައި ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމު ބަލިވެފައިވަނީ ރެއާލް މެޑްރިޑާ ކުޅުނު މެޗުގައި އެކަނިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު