އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދެއް މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށް ބަޔާންކޮށް، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާފައެވެ. ބިލުގައިވާ ގޮތުން، މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ މާސްޓާ ޕްލޭން މަޝްރޫއުތަކަށް، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އެފަދަ ޒޯންތަކުގައި ބަނގުރަލާއި އޫރުމަސް އިމްޕޯޓްކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ޖުވާކުޅުން ފަދަ އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ކަންކަމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ހެދުމުގެ ފުރުޞަތު ވެސް ޒޯންތަކުގައި ދީގެން ނުވާނެއެވެ.
މީގެ އިތުރުން، އިޒްރޭލުގެ ރައްޔިތުންނަށާއި އެ ޤައުމުގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާ އޮންނަ ފަރާތްތަކަށް ޒޯންތަކުން ޕްރޮޕަޓީ ނުވިއްކޭނެ ކަމަށް ބިލުގައިވެއެވެ. އަދި ވަކި އެއް ޤައުމެއްގެ ފަރާތްތަކަށް ޒޯނެއްގެ ޖުމްލަ ބިމުގެ 25 އިންސައްތައަށްވުރެ ގިނައިން ނުދެވޭނެއެވެ.
ބިލުގައިވާ ގޮތުން، ޒޯންތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންނެވެ. ޒޯންތަކުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ ރޭޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ބިލަކީ ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމްދީނުގެ ހަމަތައް ފުރިހަމައަށް ރައްކާތެރިކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. ބިލުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން ޖިނާއީ ދައުވާ ވެސް އުފުލޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބިލު ހުށަހަޅާފައިވަނީ، ރަސްމާލޭގެ ބިމުން ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.






