ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމަށް އެދި ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ، އެ ކޯޓުން ބަލައިގެންފިއެވެ.
ޝާހިދުގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލަ މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށް ހައިކޯޓުގެ ވެބްސައިޓުގައިވާ މަޢުލޫމާތުން ދައްކައެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ، އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރޭގަނޑުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 30 ދުވަސް ޖަހައިދީފައިވެއެވެ.
ފުލުހުން ބުނީ، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ، އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ނަމަވެސް، ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ މަޤްޞަދެއް ނެތް ކަމަށާއި، ބަލަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވިއެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.






