Monday, November 9
ތިންވަނަ ކުއާޓަރުގައި ޒަކާތް ހައްޤުވާ ބައިތަކަށް 15.3 މިލިއަން ރުފިޔާ ބަހައިފި

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޖުމްލަ 15.3 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ބަހާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

ޒަކާތު ހައުސްއިން ނެރުނު ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބު ރިޕޯޓުގައިވާ ގޮތުން، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 15,306,546.64 ރުފިޔާ އެހީގެ ގޮތުގައި ބަހާފައެވެ.

މި އެހީތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށެވެ. އެ ބަޔަށް 9.08 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.

ރިޕޯޓުގައިވާ ގޮތުން، މި ތިން މަހުގެ ތެރޭގައި މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 29,856,552 ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު 13.9 އިންސައްތަ، ނުވަތަ ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި ތަފާސްހިސާބުތައް އެކުލަވާލާފައިވަނީ ފިނޭންސް މިނިސްޓްރީގެ އެސްއޭޕީ ސިސްޓަމުގައިވާ ރެކޯޑުތަކަށް ބިނާކޮށް ކަމުން، ފަހުން ގެނެވޭ ބަދަލުތަކާއި އިތުރު ޕޯސްޓިންގތަކާ ގުޅިގެން އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު