ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން ބަލިކުރި އިންޑިއާ ޓީމަށް، މުބާރާތުގެ މެދުތެރެއިން ހަ ކުޅުންތެރިއަކު ގެއްލިއްޖެއެވެ.
ކޯޗު ނައުޝާދު މޫސާގެ ބެލުމުގެ ދަށުން މުބާރާތަށް ދިޔަ އިންޑިއާގެ ޒުވާން ޓީމުން، ޕާކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ކުރި ހޯދީ 3-2 އިންނެވެ.
އެ މެޗަށް ފަހު، ނިއުޒީލެންޑާ ދެކޮޅަށް އިންޑިއާގެ ސީނިއަރ ޤައުމީ ޓީމު ކުޅޭ ދެ ރަޙުމަތްތެރިކަމުގެ މެޗަށް ހޮވި ސްކޮޑުގައި ސާފް ޗެމްޕިއަންޝިޕަށް ދިޔަ ތިން ކުޅުންތެރިއަކު ހިމެނިފައިވެއެވެ. އެއީ ޑިފެންޑަރު ބިޖޯއީ ވަރްގީސް، ފޯވާޑް މުޙައްމަދު ސުހައިލް އަދި ލިސްޓަން ކޮލާސޯއެވެ.
މީގެ އިތުރުން، މުމްބާއީ ސިޓީ އެފްސީއަށް ކުޅޭ ފާރޫޚް ޗައުދަރީ، ނޫފަލް ޕީއެން އަދި ހުމިންގްތަންމާވިއާ ރާލްޓޭ ވެސް ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑް ދޫކޮށް، އަނބުރާ އެ ކްލަބަށް ގޮސްފައެވެ. މުމްބާއީ ސިޓީއިން އެ ކުޅުންތެރިން ދޫކުރުމަށް އެއްބަސްވެފައިވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށް އެކަނި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އަނިޔާގެ ސަބަބުން އެފްސީ ގޯއާގެ ޑިފެންޑަރު ރޮނީ ޚަރްބުދޯނަށް ވެސް މުބާރާތުގައި ބައިވެރިއެއް ނުވެވުނެވެ.
މި ބަދަލުތަކާއެކު، މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ޓީމު އެކުލަވާލުމުގައި ކޯޗު ނައުޝާދަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.






