Monday, October 26
15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ފަހަތުން އަރައި ރާއްޖޭން ޕޮއިންޓެއް ހޯދައިފި

އަޒަރުބައިޖާނުގެ ބާކޫގައި ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026ގައި، އަންގުއިލާއާ ދެކޮޅަށް މިއަދު ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުކޮށް، ރާއްޖޭގެ ޒުވާން ޤައުމީ ޓީމުން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ.

މި މެޗުގެ ފުރަތަމަ 23 މިނެޓުގެ ތެރޭގައި ތިން ގޯލު ޖަހައި އަންގުއިލާއިން ވަނީ 3-0 ގެ ލީޑެއް ނަގާފައެވެ. ނަމަވެސް، ފަހަތުން އަރައި ރާއްޖޭގެ ކުޅުންތެރިން ވަނީ މެޗުގެ ފަހު 10 މިނެޓުގައި ތިން ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

މި މުބާރާތުގައި ރާއްޖޭން މިހާތަނަށް ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗެއްގައި ކުޅެފައެވެ. ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ ކައިރިން 8-0 އިން ބަލިވި ރާއްޖެ، ދެވަނަ މެޗުގައި ފްރާންސް ކައިރިން ބަލިވީ 6-0 އިންނެވެ. އޭގެފަހުން ކޮސޯވޯ ކައިރިން ވެސް ރާއްޖެ ވަނީ 3-0 އިން ބަލިވެފައެވެ. ރާއްޖެއަށް ދެން ބާކީ އޮތީ އެސްޓޯނިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ފީފާއިން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅެނީ އަށް ކުޅުންތެރިންގެ ފޯމެޓުގައި، 20 މިނެޓުގެ ދެ ހާފުގައެވެ.

ފީފާއިން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މި ފެސްޓިވަލް މިފަހަރު އަމާޒުކޮށްފައިވަނީ ފިރިހެން ކުދިންނަށެވެ. އަންނަ އަހަރު އަންހެން ކުދިންނަށް ޚާއްޞަކޮށް ބާއްވަން ނިންމާފައިވާ ކަމަށް ފީފާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު