ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ، ނަމަވެސް އާންމުންނަށް ނުލިބޭ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަނާ ގުޅިގެން، އާންމުންނަށް ދަތިނުވާނެހެން ދެމެހެއްޓެނިވި ގޮތެއްގައި އިންޝުއަރެންސް ދޭނެ ގޮތެއް ބަލަން ދިރާސާއެއް ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ދިރާސާއެއް ކުރަން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤެވެ. ތާއީދުކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދެވެ. އެ ހުށަހެޅުން ފާސްކުރީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަޒާން ފާހަގަކުރެއްވީ، މަޖިލީހުގެ މެންބަރުންނަށާއި ވަޒީރުންނަށާއި ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވަކި ގާނޫނުތަކެއްގެ ދަށުން ޚާއްޞަ އިންޝުއަރެންސެއް ލިބޭއިރު އާންމުންނަށް ލިބެނީ އާސަންދަކަމެވެ.
"އާސަންދައިގެ ބޭރުން ދައުލަތުން ޚަރަދުކޮށްގެން [ޚިދުމަތްތަކާއި މުއައްސަސާތަކުގެ ވެރިންނަށް] އިންޝުއަރެންސް އެބަ ލިބޭ، މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ވަކި ފްރޭމްވޯކެއްގެ ތެރެއިން ދެމުން ގެންދާ އެއްޗެއް، އެހެންވީމާ މިހެން މިކަން އޮންނައިރު ހަމައެކަނި ރައްޔިތުންގެ މަޖިލީސް މެންބަރުންގެ އިންޝުއަރެންސް މިގޮތަށް ކަނޑައިލުމަށް ވުރެ ދެމެހެއްޓެނިވި ގޮތަކަށް މިކަންތައް އަޅުގަނޑުމެން ކުރަން ޖެހޭނީ،" އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ބަދަލެއް ގެންނަ ނަމަ ގެންނަން ޖެހޭނީ ދައުލަތުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށެވެ. އެކަން ކުރަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު، އެންމެ ޚަރަދު ކުޑަ ގޮތަކީ ކޮބައިތޯ ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަގީގީ ހައްލަކީ އާސަންދަ އިސްލާހުކުރުން ކަމަށް ވިދާޅުވެ އަޒާން ވިދާޅުވީ، ހަމަހަމަ އުސޫލަކުން ހުރިހާ ރައްޔިތުންނަށް ވެސް ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހޭ ދިރިއުޅުމެއް ހޯދައިދޭން ޖެހޭ ކަމަށެވެ.
އަޒާންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވަމުން ޑރ. ޝަމްހީދު ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަލަ ދިރާސާކުރުމަށެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު މިދިޔަ އޮގަސްޓު މަހުގެ 12ވަނަ ދުވަހު ހުށަހެޅި ޕެޓިޝަން ބަލައިގަތީ 7،225 މީހުންގެ ސޮޔާއެކުއެވެ. މަޖިލީހުގައި އެ ޕެޓިޝަނަށް ބަހުސްކުރުމަށްފަހު ޕެޓިޝަން އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މެންބަރުންނަށް ދޭ އިންޝުއަރެންސް އާންމުންނަށް ދިނުމަށް ގޮވައިލައި ވެސް މިދުޢަމް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.






