Monday, October 26
މެންބަރު މައުރޫފްގެ އިމްތިޔާޒަށް ފުލުހުން އަރައިނުގަންނަ ކަމަށް މަޖިލީހުން ފާސްކޮށްފި

މިދިޔަ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކުރުމުގައި، އެ މެންބަރުގެ އިމްތިޔާޒަށް ފުލުހުން އަރައިގެންފައި ނުވާ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއީ މައުރޫފް އަމިއްލައަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީން މި މައްސަލަ ނިންމައި އެކުލަވައިލި ރިޕޯޓުގައި ވަނީ، ފުލުހުން އަމަލުކުރި ގޮތުގެ ޓައިމްލައިނާއި ކޮމިޓީން ހޯދި މަޢުލޫމާތަށް ބަލާއިރު، މެންބަރުގެ އިމްތިޔާޒަށް އަރައިގަތްކަން އެނގެން ނެތް ކަމަށެވެ.

އެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅައި، ރިޕޯޓަށް މެންބަރުން ވާހަކަ ދައްކަވައި ނިންމެވުމުން ވޯޓަށް އެހިއެވެ. ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 48 މެންބަރުންގެ ތާއީދާއެކުއެވެ. ރިޕޯޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.

މި މައްސަލައިގައި މައުރޫފް ވިދާޅުވެފައިވަނީ، ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާގައި ބައިވެރިވެވަޑައިގަތީ އެއީ ސުލްހަވެރި މުޒާހަރާއަކަށް ވާތީ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ބޭނުންކުރަން ޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

އެހެންކަމުން، މިއީ ކަނޑައެޅިގެން މަޖިލިސް މެންބަރުންގެ ކަރާމަތަށް އަރައިގަތުމެއް ކަމަށް ބަޔާންކޮށް މައްސަލަ ބަލައިދިނުމަށް މައުރޫފް އެދިވަޑައިގެންނެވި ނަމަވެސް، ކޮމިޓީގެ ދިރާސާއަށްފަހު ނިންމާފައިވަނީ އިމްތިޔާޒަށް އުނިކަމެއް އަންނާނެ ފަދަ އަމަލެއް ފުލުހުން ކޮށްފައިވާކަން ސާބިތުނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު