Monday, October 26
ދައުލަތަށް ހިޔާނަތްތެރިވުމަކީ ޖިނާއީ ކުށަކަށް ހަދަން އިސްލާހެއް ހުށަހަޅައިފި

ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމާއި ދައުލަތުގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންވާ އަމަލުތައް ކުރުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

އިސްލާހުގެ މަގްސަދަކީ ރާއްޖެއިން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް، ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުމަކީވެސް އިސްލާހުގެ މަގްސަދެކެވެ.

ވަކި ދީނަކަށްވާތީ ނުވަތަ ވަކި ޤައުމަކަށްވާތީ ނަފްރަތު އުފައްދައި ގެއްލުންދިނުމަކީވެސް ކުށަކަށް ހަދަން ބިލުގައި ހުށަހަޅާފައިވެއެވެ.

އިސްލާހުގައިވާ ގޮތުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރާ ފަރާތަކާ ބައިވެރިވުމާއި، ރާއްޖޭގެ ދުޝްމަނަކާ އެއްބައިވެ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެފަދަ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމެވެ.

ރާއްޖޭގެ ދުޝްމަނުންނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއް ކުރާ ބިދޭސީންނާއި، އެފަދަ އަމަލެއްގައި އެމީހުންނާ ބައިވެރިވާ ދިވެހިންނެވެ.

އެ ކުށްތަކަކީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެވެ. އެއިން ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ޖަލު އަދަބުގެ އިތުރުން އެމީހަކު ދުވަހަކުވެސް ދިވެހި ދައުލަތުގެ އިސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް އައްޔަން ނުކުރެވޭނެއެވެ.

ބިލުގައިވާ ގޮތުން، އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ، ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއް ނެތި، ގަސްތުގައި ކަމެއް ކުރުމަކީ ކުށެކެވެ. އޭގެ ތެރޭގައި މުހިންމު އުމްރާނީ ވަސީލަތަކަށް، ނުވަތަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމަކަށް ގެއްލުންދިނުމާއި، އަސާސީ ޚިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ޚިދުމަތެއް ފޯރުކޮށްދޭ ސިސްޓަމަކަށް ހުރަސްއެޅުން ހިމެނެއެވެ.

ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވުމަށް ކުރާ އަމަލަކާއި، އެ އަމަލެއްގެ ސަބަބުން ދައުލަތުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބުމަކީވެސް ބިލުގައި ކުށެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

މި ބިލު ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު