އާދިއްތަ, October 25
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓީމު މާދަމާ އިންޑޮނޭޝިއާއަށް ފުރަނީ

ބަންގްލަދޭޝްގައި ބާއްވަން ތައްޔާރުވާ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" އަށް ތައްޔާރުވުމުގެ ގޮތުން، ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށް ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މާދަމާ ހެނދުނު އިންޑޮނޭޝިއާއަށް ފުރަނީއެވެ.

މި ކޭމްޕުގެ ތެރެއިން ޤައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ ކަމަށް ޤައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ވިދާޅުވިއެވެ. ނަމަވެސް މި މެޗުތައް ކުޅޭނީ ކޮން ޓީމުތަކަކާ ދެކޮޅަށްކަމެއް ކޯޗު ހާމަކުރައްވާފައެއް ނުވެއެވެ.

މި ކޭމްޕުގެ މައިގަނޑު ބޭނުމަކީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ޤައުމީ ޓީމަށް ފަހިކޮށްދިނުމެވެ.

ކޭމްޕު ނިންމުމަށްފަހު ޤައުމީ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހެވެ. ރާއްޖެ އައުމަށްފަހު، ދެން ޤައުމީ ޓީމު ފުރާނީ ސާފް ޗެމްޕިއަންޝިޕް ބާއްވާ ޤައުމު ކަމަށްވާ ބަންގްލަދޭޝްއަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް މި ފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ވަރުގަދަ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އިންޑިއާއާ ބައްދަލުކުރާނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކުރާއިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލްގެ ދެ މެޗު ނޮވެމްބަރު މަހުގެ 14 ގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 17 ގައެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ޗައިނާއާ، ކިރިގިސްތާނާ، އަދި ލުބުނާނާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕުގެ 15 ވަނަ މުބާރާތެވެ. މި މުބާރާތް ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހާ ދެމެދުގައެވެ. ނަމަވެސް ފަހުން ވަނީ މުބާރާތް ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ. ރާއްޖެއިން ވަނީ 2008 އަދި 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު