އާދިއްތަ, October 25
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ މި ތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި، މި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އެ ޝިޕްމަންޓް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި މި ތަކެތި ފެނިފައިވާ ކަމަށެވެ.

އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކަސްޓަމްސްއިން އަންނަނީ ފާރަވެރިކަމާއެކު ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން، އެކި އުކުޅުތައް ބޭނުންކޮށްގެންނާއި ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ހުރިހާ މަގުތަކެއް ބަންދުކުރުމަށްޓަކައި ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މިފަދަ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު